ތަޢާރަފް

ހައްދުންމަތީ ނުވަތަ ލ. މުންޑޫއަކީ، ލ. އަތޮޅުގެ ރަށްތަކުގެތެރެއިން ހަތަރުވަނަ ރަށެވެ. މިރަށަށް ދީފައިވާ އަކުރަކީ، 4-0 އެވެ. ރަށް އޮތް ޕޮޒިޝަނަކީ، މިއަތޮޅު ވެރިކަންކުރާރަށް، ފޮނަދޫގެ ހުޅަނގު އުތުރުގައި  ލެޓިޓިއުޑުން  45 00. 02 ހުޅަނގު އަދި ލޮންޖިޓިއުޑުން 00. 32 73 އިރުގައިވާ ރަށެކެވެ. ރަށުގެ ބޮޑުމިނަކީ، 19.7 ހެކްޓަރެވެ. މިރަށުން މީހުން ދިރިއުޅުމަށް 104 ގޯތި މިހާރުވަނީ ދޫކޮށްފައެވެ. އޭގެތެރެއިން 49 ގޯތީގައި މީހުން ދިރިއުޅެމުން ގެންދާއިރު ތަފާތު ސަބަބުތަކާހެދި 55 ގޯތީގައި މީހުން ދިރިއެއްނޫޅެއެވެ.

މިރަށަކީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިޘާއާއި ގުޅިގެން ކަމަށްބުނެ މިރަށުގެ ބައެއްމީހުން މިއަތޮޅު ގަމަށް ބަދަލުވި ރަށެއް ނަމަވެސް، އޭގެތެރެއިން ބައެއްމީހުން އެނބުރި މިރަށަށް ބަދަލުވެފައިވާ ރަށެކެވެ. 2021 ވަނަ އަހަރުގެ އޮކްޓޯބަރމަހުގެ ނިޔަލަށް ރަށުގެ އާބާދީއަކީ، 321 އެވެ. އެއީ، 164 ފިރިހެނުންނާއި، 157 އަންހެނުންނެވެ.

ރަށުގައި ގްރޭޑް 10 އަށް ކިޔަވައި ދިނުމާއި، މިރަށުގައި ރަނގަޅުފެންވަރުގެ ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ޞިއްޙީމަރުކަޒެއްގެ ނަމުގައި ރަނގަޅު އިމާރާތެއް ހުރެއެވެ. އަދި އެތަނުން ޑަކްޓަރެއްގެ ޚިދުމަތާއި، ތަމްރީން ވެފައިވާ ނަރުހެއްގެ ޚިދުމަތް ލިބެން ހުރެއެވެ.

މިރަށުގައި އާސަންދަ ޑަކްޓަރީބޭސް ދިނުމަށް އެސްޓީއޯގެބޭސް ވިއްކާނެ، ރައްޔިތުންގެ އިމާރާތެއް އަގުނުލިބޭގޮތައް އެސްޓީއޯއަށް ދޫކޮށްފައިވެއެވެ. މިވަސީލަތްތައް ލިބުމުގެ މަގު މިރަށުގައި ޤާއިމުވެފައި ހުރި ނަމަވެސް އެތަންތަނުން ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ނުލިބޭކަން ފާހަގަ ކުރަމެވެ.

މިރަށުގެ ރައްޔިތުން ޢާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކީ ސަރުކާރުގެ ވަޒީފާއަދާކުރުމާއި، ކޮންމެވެސް މިންވަރަކަށް ދަނޑުވެރިކަމުގެ މަސައްކަތްވެސް ކުރެއެވެ. ރަށުގައި ކޯޓެއްގެ ސެކްޝަނެއް ހުންނައިރު، ސަރުކާރުގެ ސިޔާސަތު ހަމަޖެހިފައިވާގޮތުން އާބާދީއަށްބަލާ، އެތަނުގައި ޚިދުމަތްކުރުމަށް ދާއިމީ މެޖިސްޓްރޭޓަކު ނެތުމުން ކޯޓު ޙަވާލުވެ ތިއްބަވަނީ، އަތޮޅުގެ އެހެން ރަށްރަށުގެ މެޖިސްޓްރޭޓުންނެވެ.

މިރަށުގައި އަމާން ވެއްޓެއް، ޤާއިމުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، ރަށުގެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރެވުނު ނަމަވެސް، މިހާތަނަށް އެ ޚިދުމަތް ރަށުގައި ޤާއިމުކުރެވިފައެއްނުވެއެވެ.

މިރަށުގައި ޒުވާނުން ފުޓްބޯޅަ ކުޅުމަށް ވަށާ ފާރު 4 ފޫޓަށް ރާނާފައިވާ އެކަށޭނަ، ފުޓްބޯޅަދަނޑެއް ހަދާފައި އޮވެއެވެ. އަދި އަންހެނުން ވޮލީކުޅުމަށާއި، އަދި ބެޑްމިންޓަން ކުޅުމަށް އައުޓް ޑޯ ވޮލީ ކޯޓަކާއި ބެޑްމިންޓަން ކޯޓެއް މުންޑޫ ކައުންސިލް އިން ހަދާފައިވެއެވެ. އަދި 2019 ވަނަ އަހަރު މުންޑޫގައި ޒަމާނީ ފެންވަރުގެ ފުޓްސަލް ދަނޑެއް ގާއިމް ކުރެވިފައިވެއެވެ.

ރަށަށް ލަފާފުރުމަށް 200×300 ފޫޓްގެ ބަނދަރެއް 2008 ވަނަ އަހަރު ސަރުކާރުން ހަދާފައި ވީނަމަވެސް ސަރުކާރު ބަދަލުވުމާ ގުޅިގެން ބަނދަރުގެ މަސައްކަތް ހުއްޓާލާފައިވާތީ ބަނދަރާ ނެރު ބޭނުންކުރުމަށް ވަނީ ދަތިތަކާ ކުރިމަތި ވެފައެވެ، އަދި ބަނދަރު ހިމެނޭ ރަށުގެ އެއްގަމު ސަރަހައްދަށް ވެލި އަޅާފައި ނުވާތީ އެ ސަރަހައްދުގައި ހިނގާއުޅުންވެސް ވަނީ ދަތިކަމަކަށް ވެފައެވެ. ބަނދަރުގެ ދެކޮޅު ބެޑު ހިމާޔަތް ކުރުމުގެ ގޮތުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ ބަނދަރުގެ ދެކޮޅުގެ ބެޑުގެ ވެލިގަނޑު ވަރަށް ބޮޑަށްގިރަމުންދާތި އެ ތަން ހިމާއަތް ކުރުމަށާއި، ބަނދަރާއި ނެރު ތިލަވެ ދަތުރު ފަތުރު ކުރަން ވަނީ އުނދަގޫ ވެފައެވެ، އަދި މުންޑޫ އަކީ ލ. އަތޮޅުގެ އެތެރެވަރީއަށް ވަންނަ ކަނޑުއޮޅި މަތީގެ ރަށެއްކަމުންނާއި ފެނުގެ ޚިދުމަތް ބަނދަރުން ހިލޭ ލިބެމުންދާ ރަށަކަށް ވުމާއެކު ގިނަ އަދަދެއްގެ ބޮޑަތި އުޅަނދު ތަކާއި، ސަފާރީ ފަދަ އުޅަނދުތަކުން ބަނދަރުގެ ބޭނުން ހިފުމަށް ދަތިވެފައިވާތީ އެކަން ރަނގަޅު ކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތުގައި ލިއުމުންނާއި، އަނގަބަހުން ދަންނަވާ 2021 ވަނަ އަހަރު ވަނީ ގިނަ މަސައްކަތްތަކެއް ކުރެވިފައެވެ.

ރަށުގައި ރަނގަޅުފެންވަރުގެ އިންޖީނުގެއެއް ޢިމާރާތްކޮށް، 2016 ވަނަ އަހަރުގެ މާރޗްމަހުން ފެށިގެން މިޚިދުމަތް ދެމުން ގެންދަނީ ފެނަކަ ކޯޕަރޭޝަންގެ ފަރާތުންނެވެ. އަދި 2020 ވަނަ އަހަރު މާރޗް މަހުން ފެށިގެން ފެނަކަ އޮފީސް ހިންގުމަށް މި ކައުންސިލްގެ އިމާރާތެއް 02 އަހަރު ދުވަހަށް ވަނީ ކުއްޔަށް ދޫކުރެވިފައެވެ.

މިރަށުގައި 32×48 ފޫޓްގެ ހުކުރުކުރާ މިސްކިތެއް ހުރެއެވެ. ނަމަވެސް 2004 ވަނަ އަހަރުގެ ސުނާމީ ކާރިޘާގައި މިސްކިތު ވަށާ ފާރުވަނީ މުޅިންވެއްޓިފައެވެ.  އެހެންނަމަވެސް 2019 ވަނަ އަހަރުގެ ދައުލަތުގެ އެހީގައި ލ.މުންޑޫ މަސްޖިދުލް އަމާނާތުގެ ވަށާފާރުވަނީ ރޭނިފައެވެ.

މުންޑޫ އަކީ ކޮންމެވެސް މިންވަރަކަށް ދަނޑު ވެރިކަމުގެ މަސައްކަތް ކުރަމުންދާ ރަށެކެއެވެ. އެގޮތުން މި ކައުންސިލުން4000 ( ހަތަރުހާސް އަކަފޫޓް ) ގެ  17 ދަނޑުބިން ވަނީ މި ރަށުގެ އާންމު ރައްޔިތުންށް ވަނީ ދޫކޮށްފައެވެ. އެ މަސައްކަތުން ހައްދާ ތަކެތި ގޭގައި ބޭނުންކުރުމުގެ އިތުރުން ކޮންމެވެސް ވަރަކަށް އެހެން ފަރާތްތަކަށް ވިއްކައިގެން ޢާމްދަނީ ހޯދައެވެ. ގިނައިން ތަކެތި ހައްދާ އުޅެނީ ރަމަޟާން މަސް ކުރިމަތިވަމުން އަންނައިރުގައިކަން ފާހަގަ ކުރެވެއެވެ. މީގެތެރޭގައި އާންމުކޮށް ހައްދާއުޅެނީ މިރުހާއި،ކަރާ، ކިއުކަންބާ، ބަށި އަދި ބައެއްކަހަލަ މޭވާގެ ބާވަތްތަކެވެ.

 

 

ރަށުގެ ޗާޓް