ހައްދުންމަތި (ލ) އަތޮޅުގައި ހިމެނޭ ތިމާވެށީގެ ގޮތުން ޚާއްޞަ 6 ސަރަހައްދެއް ހިމާޔަތްކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި

ހައްދުންމަތި (ލ) އަތޮޅުގައި ހިމެނޭ ތިމާވެށީގެ ގޮތުން ޚާއްޞަ 6 ސަރަހައްދެއްކަމަށްވާ ލ. ގަމު ބޮޑަ ފެންގަނޑަ ސަރަހައްދާއި، ލ. މާބައިދޫ ކޯރާއި ފުށީ ކަނޑު ސަރަހައްދާއި، ލ. ބޮޑު ފިނޮޅު އަދި ވަޑިނޮޅު ކަނޑު ސަރަހައްދާއި، ލ. ގާދޫ ރަށުގެ ވެލާއަރާ ގޮނޑުދޮށާއި، ޗަސްބިމާއި، ވަށައިގެންވާ ފަރާއި ފަރު އަދި މޫދުވިނަ ސަރަހައްދާއި، ލ.ގާދޫ-ހިތަދޫ ކަނޑު ސަރަހައްދާއި، ލ. ހިތަދޫ ކުޅިއާއި ވަށައިގެންވާ މޫދުގެ ސަރަހައްދު ހިމާޔަތްކުރުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން ހުށަހެޅުއްވި ކަރުދާހަކަށް ވަޒީރުން މަޝްވަރާކުރެއްވުމަށްފަހު ހިމާޔަތްކުރެއްވުމަށް ނިންމެވި 6 ސަރަހައްދަކީ ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތަކެއް ލިބިގެންވާ ސަރަޙައްދުތަކެކެވެ. އަދި ލ. އަތޮޅަކީ ތިމާވެށިގެ ގޮތުން ޚާއްސަ ސިފަތަކެއް ލިބިގެންވާކަމަށް “ހޯޕް ސްޕޮޓް” އެއްގެ ގޮތުގައި ގްލޯބަލް ކޯލިޝަންއެއް ކަމަށްވާ މިޝަން ބްލޫ އިން 2021 ވަނަ އަހަރު ފާހަގަކޮށްފައިވާ އަތޮޅެކެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި 1 ފަރާއި 1 ކަނޑޫފާ ރައްކާތެރިކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދުގެ މަތިން މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތިލަދުންމަތީގެ (ހއ، ހދ، ށ އަދި ނ އަތޮޅުގެ) 14 ސަރަހައްދަކާއި އައްޑޫ ސިޓީގެ 4 ސަރަހައްދަކާއި، ފުވައްމުލަކު ސިޓީގެ 1 ސަރަހައްދަކާއި، އަދި ފާދިއްޕޮޅުގެ 5 ސަރަހައްދެއް (ޖުމްލަ 14،423 ހެކްޓަރު) މި ސަރުކާރުން ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައަޅުއްވައި ގެޒެޓްކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *